އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސްބަޔާން: އައްޑޫ އިން ގޯތި ދޫކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަމާލުކަމަށް ކައުންސިލުން ނެރޭ ނޫސްބަޔާން

11 އޮކްޓޯބަރ 2018     5 years ago


އައްޑޫ އިން ގޯތި ދޫކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އާއްމު ރައްޔިތުންގެ ސަމާލުކަމަށް ކައުންސިލުން ނެރޭ ނޫސްބަޔާން

 

 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު (IUL)138-LDS4/1/2018/426 އިޢުލާނުގައި އައްޑޫސިޓީން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއި، ފޯމުދޫކޮށް ގޯތި ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށް ގެންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އަދި، "އައްޑޫ ސިޓީގައި ވިޔަފާރިކުރުމަށް ބިންކުއްޔަށް ދޫކުރުމާއިގުޅޭ" ގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު (IUL)138-AS6/1/2018/380  އިޢުލާނުން ބިންތަކެއް ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އިސްވެދެންނެވުނު ދެ އިޢުލާނުގެ ދަށުން ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންގެންދަނީ ރިޔާސީ އިންތިޚާބު 2018 ގައި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ކެމްޕެއިންކޮށްދެއްވި ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ ގިނަޢަދަދެއްގެ ރައްޔިތުން ތުހުމަތު ކުރަމުންދާތީއާއި، މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންދަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށް ތުހުމަތު ކުރެވޭތީއާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.  

މީގެއިތުރުން، މިކަމަކީ އައްޑޫ ރައްޔިތުންނާއި ގުޅިފައިވާ ކަމަކަށްވާއިރު އަދި ކުރިޔައްއޮތް ތަނުގައި ބިންބިމާއި ބެހޭ މަސައްކަތް ކުރަންޖެހޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން މި އިދާރާއިން ކަމަށްވާއިރު މި މަސައްކަތް މިވަގުތަށް މަޑުޖައްސާލުމަށާއި އަދި މިކަމުގެ އިތުރު މަޢުލޫމާތު ހޯދުމަށް މިއިދާރާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަސްމީކޮށް އެދިފައިވީނަމަވެސް މިއަދާހަމައަށްވެސް އެސިޓީއަށް ޖަވާބުދީފައިނުވާކަންވެސް ފާހަގަކުރަމެވެ.

އެހެންކަމުން ގޯއްޗަށް އެދި ފޯމް ނަންގަވާފައިވާ އެންމެހާ ރައްޔިތުންގެ ސަމާލުކަމަށް މިކަން ގެންނަން ބޭނުންވާތީ މި ނޫސް ބަޔާން ނެރުނީމެވެ.



ބާވަތް: ނޫސްބަޔާން

ނަންބަރ: 02/2018

ޕަބްލިޝް ކުރި ތާރީޚް: 11-10-2018