ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިންތިޒާމްކޮށްގެން ބާއްވާ ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސަގައި ކައުންސިލުން ބައިވެރިވެވަޑައިގެންފިއެވެ. ކައުންސިލްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މިބައްދަލުވުން މިއަދާއި މާދަމާވެސް އޮންނާނެއެވެ.
މިމަސައްކަތު ބައްދަލުވުމަކީ ކާރިސާއެއް ދިމާވެދާ ހާލަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ދަނެގަނެ އެފަދަ ކަންކަން ހައްލު ކުރުމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. ހަމައެއާއެކު އެފަދަ ހާލަތްތަކުގައި ގެންގުޅެންޖެހޭ ހަރުދަނާ ސިޔާސަތުއް ކަނޑައަޅައި، ރައްޔިތުން ކާރިސާތަކަށް ސަމާލުކުރުވައި، ދުރާލާ އިންޒާރާއި ލަފާދެވޭ ނިޒާމެއްގެ ތެރެއިން ކަންކަން ރާވައި ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމެވެ.
މިބައްދަލުވުމުގައި ސަރުކާރުގެ ކަމާގުޅުންހުރި މުޢައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ބައިވެރިވެވަޑައިގަންނަވައެވެ. ބޭނުމަކީ ކާރިސާއެއްގެ ހާލަތުގައި ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ހުރިހާ ދާއިރާއެއްވެސް ގުޅިލާމެހިގެން މަސައްކަތްކުރެވޭނެ ގޮތަށް ރޭވުމެވެ.