އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް

23 ސެޕްޓެމްބަރ 2018     5 years ago


ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިޔަށް

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ން ފެށިގެން ކުރިއަށް އެބަދެއެވެ. ވޯޓުލުން ކުރިއަށް ދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް މުޙައްމަދު ސޯލިހް ވާދަކުރައްވާއިރު، މިއީ މުޙައްމަދު ސޯލިހް ވެރިކަމަށް ކުރިމަތި ލައްވާ ފުރަތަމަ ފަހަރެވެ. ރައީސް ޔާމީން ކުރިމަތި ލައްވަނީ ދެވަނަ ދައުރަކަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދުކުރާ ގިނަ ރައްޔިތުންނެއް ވޯޓުލުމަށްޓަކައި މިއަދު ހެނދުނުން ފެށިގެން ވޯޓުލާ ސަރަހައްދުތަކުގައި ވަނީ ކިއު ހަދާފައެވެ. މިއަހަރުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭއާއި ބޭރުގެ ހަތަރު ޤައުމެއް ހިމެނޭ ގޮތަށް ޖުމްލަ 472 ވޯޓު ފޮށި ވަނީ ބެހެއްޓިފައެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ 262،135 މީހުން އެބަތިއްބެއެވެ. މީގެ ތެރެއިން އައްޑޫސިޓީއަށް ބަލާއިރު އައްޑޫގެ އެކި ސަރަހައްދުތަކުގައި 31 ވޯޓުފޮށި ބެހެއްޓިފައިވާއިރު 15،336 މީހުން ވަނީ އެފޮށިތަކަށް ރަޖިސްޓްރީ ކޮށްފައެވެ.

ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ފޯރިގަދަ ކެމްޕޭން ހަރަކާތްތަކަކަށްފަހު މިއަދު ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ފާހަގަކޮށްލެވޭ ކަމަކީ ވޯޓު ލުމުގެ ގަޑި ފެށުމާއެކު އެތައްސަތޭކަ ބަޔަކު ވޯޓު ލުމަށްޓަކައި ނިކުމެ ވޯޓުލާސަރަހައްދުތައް ދިގު ކިއު ލައިންތަކުން ފުރާލާފައިވާކަމެވެ. އަދި ކިއު ދިގުވެ ވޯޓުލެވޭގޮތް ލަސްވުމާއި އަވީގައި ގިނައިރު ކޮޅަށް ތިބެންޖެހުމުގެ ސަބަބުން ބައެއް ފަރާތްތަކުން އެކަމުގެ ޝަކުވާތައްވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް ވޯޓުލުމުގެ ކަންތަކުގައި މިހާތަނަށް މާބޮޑު ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވެއެވެ.