ސައުތު ޕޮލިސް ޑިވިޝަންގެ އައު ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލްޤައްޔޫމް އެ މަގާމަށް ހަމަޖެހުމާއި ގުޅިގެން ތައާރަފްވެ ގުޅުންބަދަހި ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އައްޑޫސިޓީ ކައުންސިލުން ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާކަން އައު ކޮމާންޑަރު ފާހަގަކުރެއްވިއެވެ. އެންމެ އިސްކަމެއް ދެއްވާނީ ޤާނޫނީ ގޮތުން ކުރައްވަން ޖެހޭ މަސައްކަތްތައް ފުރިހަމަ ގޮތެއްގައި އަދާކުރައްވާނެ ކަމަށާއި، އައްޑޫގައި މިހާރު ފަށާފައިވާ ކޮމިއުނިޓީ ޕޮލިސިންގ އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ޑެޕިއުޓީމޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވީ، ފުލުހުންނާއެކު ވަރަށް ގާތްގުޅުމެއް މިހާތަނަށްވެސް ކައުންސިލުން ބޭއްވި ކަމަށާއި މިސިޓީ އަކީ އަމާންތަނަކަށް ހެދުމަށް ފުލުހުން ކުރައްވާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައެވެ. އައްޑޫގައި މިހާރު ކަންކަން ހުރި ގޮތް ކައުންސިލުން ވަނީ އައު ކޮމާންޑަރަށް އޮޅުންފިލުވާ ދެއްވާފައެވެ.
މިބައްދަލުވުމުގައި މިހާތަނަށް ޑިވިޜަން ކޮމާންޑަރަކަށް ހުންނެވި އަހުމަދު ރަޝްވާން ބައިވެރިވެލެއްވިއެވެ.