އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔޫއެންޑީޕީ އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ކައުންސިލާ ބައްދަލުކުރައްވައިފި

27 ޖެނުއަރީ 2020     4 years ago


ޔޫއެންޑީޕީ އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ކައުންސިލާ ބައްދަލުކުރައްވައިފި

ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މިސް އަކީކޯ ފުޖީ އިއްޔެ އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. އެކަމަނާގެ މި ދަތުރުފުޅަކީ، ޔޫއެންޑީޕީ އާ ގުޅިގެން އައްޑޫސިޓީގައި ހިންގާ "ޑްރޯންސް ފޮރ ރެސިލިއަންސް" ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތް ބައްލަވަން ކުރެއްވި ދަތުރުފުޅެކެވެ.

ކައުންސިލްގެ ފަރާތުން އެކަމަނާއަށް މަރުޙަބާ ވިދާޅުވީ މޭޔަރ ޢަބްދުﷲ ސާދިޤާއި، ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި ކައުންސިލަރ ޢަލީފަހުމީ އަޙުމަދެވެ.  

މި ބައްދަލުކުރެއްވުމުގައި މޭޔަރ ދެއްކެވި ވާހަކަފުޅުގައި، "ޑްރޯންސް ފޮރ ރެސިލިއަންސް" ޕްރޮޖެކްޓްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކާރިސާތަކުގައި މިހާރު އަމަލުކުރަމުންދާ ގޮތާއި އެކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އެޅުއްވިދާނެ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިސް އަކީކޯ ދެއްކެވި ވާހަކަފުޅުގައި އައްޑޫގެ ތަރައްޤީއަށް ޔޫއެންޑީޕީ ގެ އެހީތެރިކަން ބޭނުންވާ ކަންކަމުގައި އެހީތެރިވެ ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.  

"ޑްރޯންސް ފޮރ ރެސިލިއަންސް" ޕްރޮޖެކްޓަކީ، ދިމާވާ ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު އަވަސްކަމާއެކު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި ހާލުގައިޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން މިޒަމާނުގެ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކީ މީހުން ތަމްރީން ކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ނިމޭއިރު ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިމަރޖެންސީ ހާލަތްތަކުގައި ބޭނުންވާ ރަށްރަށުގެ މެޕްތައް ހެދޭނެއެވެ.