އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"ވިމެން އޮފް ވިލް" އިން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

19 އެޕްރީލް 2021     2 years ago


"ވިމެން އޮފް ވިލް" އިން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވިމެން އޮފް ވިލް (ވާއު) އިން މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ އެ ޖަމިއްޔާ ރަޖިސްޓްރީވުމާ ގުޅިގެން ކައުންސިލަށް ތަޢާރަފްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖަމިއްޔާތަކަކީ ވަރަށް މުހިންމު ޤާނޫނީ ޝަޚުސެއްކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، އެކި ކަންކަމުގައި ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި ޖަމިއްޔާތައް ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ. މިގޮތުން ޖަމިއްޔާތައް އުފެދުމަކީ މުޖުތަމަޢަށް ލިބޭ ކުރިއެރުމެއް ކަމަށާއި، ޖަމިއްޔާތަކުގެ ސަބަބުން އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި ބަސް ހޯދުމުގައި ކައުންސިލްގެ މަސައްކަތް ފަސޭހަވެގެންދާ ކަމުގައި މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ވިދާޅުވީ، ޖަމިއްޔާތަށް އުފެއްދުމަކީވެސް ކުޑަ މިންވަރެއްގެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ޖަމިއްޔާތައް ހިންގުމަކީ ވަރަށް ބުރަށް ކަމެއް ކަމުގައެވެ. މިގޮތުން މޭޔަރ ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ އެކަށީގެންވާ ރަނގަޅު ގޮތެއްގައި ޖަމިއްޔާ ހިންގުން ކަމަށެވެ.

މި ބައްދަލުވުމުގައި ވިމެން އޮފް ވިލްގެ ފަރާތުން ހާމަކުރެއްވި ގޮތުގައި އެ ޖަމިއްޔާގެ މައިގަނޑު މަޤްޞަދަކީ އެކި ގޮތްގޮތުން އަންހެނުން ބާރުވެރިކޮށް، ދިރިއުޅުމުގައި އަންހެނުންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވުމެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ޢާންމު ޙާލަތު އިތުރަށް ރަނގަޅުކޮށް، މުޖުތަމަޢުގައި ޘަޤާފީ ހޭލުންތެރިކަން އިތުރުކޮށް، އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގައި، މިފަދަ ޕްރޮގްރާމްތައް ހިންގުމަށް އެކަށީގެންވާފަދަ މާޙައުލެއް ބިނާކުރުމަކީވެސް އެ ޖަމިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެ ޖަމިއްޔާއިން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި، ވިމެން އޮފް ވިލްގެ ފަރާތުން ވަނީ އެ ޖަމިއްޔާގެ އިދާރީ މަސައްކަތް ކުރުމަށް ޖާގަ ހަމަޖައްސައިދިނުމަށް އެދި، ކައުންސިލްގެ ފަރާތުން އެ ޖަމިއްޔާއިން ބޭނުންވާ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ކައުންސިލާ ޙިއްސާކުރައްވައިފައެވެ.

މި ބައްދަލުވުމުގައި، އިދާރީ ގޮތުން ކައުންސިލުން ފޯރުކޮށްދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން ކައުންސިލްގެ ފަރާތުން ޑިވެލޮޕްމަންޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު ޔަސްރިފް ވަނީ އަރުއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރގެ އަރިހުގައި ފޭދޫ ދާއިރާގެ ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދާއި، ޑިވެލޮޕްމަންޓް ސަރވިސް ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު ޔަސްރިފް އަދި ކައުންސިލްގެ ސޯޝަލް ސަރވިސް ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރ، އަމީޒާ ޚަލީލްވެސް ބައިވެރިވެލެއްވިއެވެ. އަދި ވިމެން އޮފް ވިލްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ޗެއާމަން، ވައިސް ޗެއާޕަން، ޓްރެޜަރަރ އަދި އިވެންޓް ކޯޑިނޭޓަރެވެ.