އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލުން އިމިގްރޭޝަނާއެކު ބައްދަލުވުމެއް ބާއްވައިފި

28 ފެބުރުއަރީ 2017     7 years ago


ކައުންސިލުން އިމިގްރޭޝަނާއެކު ބައްދަލުވުމެއް ބާއްވައިފި

އައްޑޫސިޓީ ކައުންސިލުން އިއްޔެ އިމިގްރޭޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޖުނައިދު އާއި ސީނިއަރ އިމިގްރޭޝަން އޮފިސަރ އާސިފް ހުސައިން އެވެ. ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑއިގަތީ ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު އާއި ކައުންސިލަރ ޙުސައިން ހިލްމީ އަދި ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަން އެވެ.

އައްޑޫސިޓީގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވެ މުޖުތަމަޢުއަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން ކައުންސިލަށް ފާހަގަވަމުންދާކަން ހާމަކޮށް ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠައްޔިބް މިބައްދަލުވުމުގައި ވާހަކަފުޅުދެއްކެވިއެވެ. އަދި މިކަމަށް ހައްލެއް ގެންނަން ޖެހިއްޖެ ކަމަށާއި އެކަން ކުރުމަށްޓަކައި ކައުންސިލްގެ ފަރާތުން އިމިގްރޭޝަނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް ތައްޔާރަށް ތިއްބެވިކަމުގައި ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުޙައްމަދު ޖުނައިދު ވިދާޅުވި ގޮތުގައި މަސައްކަތް ކުރުވުމަށްޓަކައި ގެންގުޅޭ ބިދޭސީ މީހާއަށްވެސް އަދި މަސައްކަތް ކުރުވާ ދިވެހި މީހާއަށްވެސް ޤަވާއިދުތައް ނޭގޭ ޙާލަތްތައް ގިނަ ކަމަށެވެ. އެހެންކަމުން މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން މުހިއްމު ކަމަށެވެ. ޖުނައިދު އިތުރަށް ވިދާޅުވި ގޮތުގައި ނުޤަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ނަމަވެސް މިމައްސަލަ ހައްލު ކުރުމުގައި އެންމެ ބޮޑަށް ދަތިވަނީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތައް މޮނިޓަރ ކުރުމުގައި ބައެއްކަހަލަ ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

އިމިގްރޭޝަނާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އިތުރަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެވުނެވެ. ނަމަވެސް މިބައްދަލުވުން ބާއްވާނެ ދުވަހެއް ކަނޑައެޅިފައެއްނުވެއެވެ.