އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފި

7 މޭއި 2017     6 years ago


ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާންކޮށްފި

މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާއިން އައްޑޫސިޓީ ކައުންސިލްގެ 7 ގޮނޑިއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމް.ޑީ.ޕީ ގެ ކެންޑިޑޭޓުން ކުރިހޯއްދަވައިފިއެވެ.

މިފަހަރުގެ ކައުންސިލް އިންތޚާބަށް 19 ކެންޑިޑޭޓަކު ވާދަކުރެއްވިއިރު އޭގެ ތެރެއިން 4 ކެންޑިޑޭޓުންނަކީ މިވަގުތު ކައުންސިލަރުންގެ މަޤާމުގައި ތިބެ އިތުރު ދައުރަކަށް ކުރިމަރިލައްވާ ބޭފުޅުންނެވެ.

ފޯރިގަދަ، އެހެންނަމަވެސް ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަ މިއިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އައްޑޫސިޓީގެ ދާއިރާތަކުގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ މިހާރުވެސް ކައުންސިލަރެއްގެ މަޤާމުގައި ހުންނެވި އަދި ކައުންސިލްގެ މޭޔަރ އަބްދުﷲ ޞާދިޤްއެވެ. މިއީ އެބޭފުޅާ ކައުންސިލްގެ އިންތިޚާބު ޖެހިޖެހިގެން ކާމިޔާބުކުރެއްވި ތިންވަނަ ފަހަރެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖަމްޝީދާ މުޙައްމަދެވެ. މިއީ އައްޑޫސިޓީ ކައުންސިލަރަކަށް ހޮވިވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާވެސްމެއެވެ. ހިތަދޫ ދެކުނު ދާއިރާ އަދި ފޭދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެދާއިރާތަކުގެ ގޮނޑި މިހާރުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުންކަމުގައިވާ، މުޙައްމަދު ޔަސްރިފް އަދި ޢަލީ ފަހުމީ މުޙައްމަދުއެވެ. މަރަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ފައިސަލް އިބްރާހިމްއެވެ. އަދި ހުޅުދޫ ދާއިރާގެ ގޮނޑި އިބްރާހިމް ޝުކުރީ ކާމިޔާބުކުރެއްވިއިރު މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޙުސައިން ހިޔާސްއެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި މުޅި ރާއްޖެއިން 653 ކައުންސިލަރުން ހޮވުމަށް ހަމަޖެހިފައިވާއިރު އެމަޤާމުތަކަށް 1481 ކެންޑިޑޭޓަކުވަނީ ވާދަކުރައްވާފައެވެ.