އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނޫސް ބަޔާން - އައްޑޫސިޓީގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ނެރޭ ނޫސް ބަޔާން

19 އެޕްރީލް 2026     16 hours ago


ނޫސް ބަޔާން

އައްޑޫސިޓީގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) މެދުވެރިކޮށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ނެރޭ ނޫސް ބަޔާން

 

      އައްޑޫސިޓީގެ ރައްޔިތުންނަށް ބޭނުންވާ ތެލުގެ ޚިދުމަތް ހޯދުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކާއި، ތެލުގެ އަގު އިންތިހާއަށް ބޮޑުވެފައިވުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

      މިގޮތުން، އައްޑޫސިޓީގެ މީހުން ދިރިއުޅޭ އެއްވެސް އަވަށެއްގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ޚިދުމަތް ލިބެން ނެތްކަން ހިތާމައާއެކު ފާހަގަކުރަމެވެ. މިވަގުތު އައްޑޫސިޓީގެ މީހުން ދިރިއުޅޭ އަވަށްތަކުގައި ތެލުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ހަމައެކަނި އަމިއްލަ ކުންފުނިތަކުންނެވެ. މީގެ ކުރިން އެފް.އެސް.އެމް އިން އަގުހެޔޮކޮށް ތެޔޮ ސަޕްލައި ކުރަމުން އައި ނަމަވެސް، މިހާރު އެ އިންތިޒާމު ބަދަލުވެ، ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެފް.އެސް.އެމް އިން ޕެޓްރޯލް ލީޓަރެއް 18.56 ރ. (އަށާރަ ރުފިޔާ ފަންސާސް ހަ ލާރި) އަދި ޑީސެލް ލީޓަރެއް 18.68ރ. (އަށާރަ ރުފިޔާ ފަންސާސް ފަސްދޮޅަސް އަށް ލާރި) އަށް ވިއްކަމުންދާއިރު، އައްޑޫސިޓީގެ އަމިއްލަ ކުންފުނިތަކުގެ ޝެޑްތަކުން ތެޔޮ ލީޓަރެއް ވިއްކަމުންދަނީ 24.22ރ. (ސައުވީސް ރުފިޔާ ބާވީސް ލާރި) އަށް އަދި ޑީސެލް ލީޓަރެއް 31.34ރ. (ތިރީސް އެއް ރުފިޔާ ތިރީސް ހަތަރު ލާރި) އަށެވެ. އަމިއްލަ ކުންފުނިތަކުންވެސް އެފް.އެސް.އެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމީ މި ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫސިޓީގެ ރައްޔިތުން އުފުލަންޖެހޭ ވަރަށް ބޮޑު ތަކުލީފެކެވެ.

      މީގެ އިތުރުން، އައްޑޫސިޓީ ގަމުގައި ހުންނަ އެފް.އެސް.އެމްގެ ތެޔޮ އަޅާ މެޝިނަކީ ވަރަށް ދުވަސްވެ ބާވެފައިވާ މެޝިނަކަށް ވުމުގެ ސަބަބުން، ޚިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިއޫގައި ތިބެންޖެހޭކަމުގެ ޝަކުވާ މި ކައުންސިލަށް ދަނީ މެދުނުކެނޑި ލިބެމުންނެވެ. މިއީ ރައްޔިތުންގެ ވަގުތު ގެއްލި، ދިރިއުޅުމުގެ އާންމު ހާލަތަށް މީގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމެކެވެ.

      އެހެންކަމުން، އައްޑޫސިޓީގެ ރައްޔިތުންގެ މި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށާއި، ކުރިންވެސް އޮތް އުސޫލުން ވީހާވެސް އަވަހަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް މި ކައުންސިލުން އިލްތިމާސްކޮށް ގޮވާލަމެވެ.

01 ޛުލްޤައިދާ 1447

19 އެޕްރީލް  2026



ބާވަތް: ނޫސްބަޔާން

ނަންބަރ: (PR)426-B/426/2026/2

ޕަބްލިޝް ކުރި ތާރީޚް: 19-04-2026