އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ކޮމިއުނިޓީ ފާމިންގ ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

1 އެޕްރީލް 2021     3 years ago


އައްޑޫ ކޮމިއުނިޓީ ފާމިންގ ޕްރޮޖެކްޓާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ކޮމިއުނިޓީ ފާމިންގ ޕްރޮޖެކްޓާ ގުޅޭގޮތުން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭ.ޕީ.ސީ) އާއި ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އައްޑޫ ސިޓީ ކައުންސިލާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އޭ.ޕީ.ސީގެ ފަރާތުން ހާމަކުރެއްވި ގޮތުގައި މި މަޝްރޫޢު ފެށުމަށް ބޭނުންވާ ގްރީންހައުސްތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ގެނެވޭނެ ކަމަށެވެ. މިގޮތުން ކޮންމެ ގްރީންހައުސެއްގެ ބޮޑުމިނުގައި 1،000 އަކަފޫޓު ހުންނާނެ ކަމަށާއި، މަޝްރޫޢުގެ ދަށުން އުފައްދާ ތަކެތި ވިއްކާނެ ސޭލްސް އައުޓްލެޓެއް ޤާއިމުކުރެވޭނެ ކަމަށް އޭ.ޕީ.ސީން ހާމަކުރެއެވެ.

އޭ.ޕީ.ސީން ހާމަކުރެއްވި ގޮތުގައި އެ ކޯޕަރޭޓިވްގެ ވިސްނުމަކީ މުޖުތަމަޢުއަށް ފައިދާހުރި ކަމެއް ކޮށްދިނުން ކަމަށެވެ. މިގޮތުން ދަނޑުވެރިކަމުގެ އިތުރުންވެސް މި މަޝްރޫޢުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން އެ ކޯޕަރޭޓިވުން ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި، ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ ދަށުން ހިންގާ ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން 40 ދަނޑުވެރިންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން 40 ދަރިވަރުން ތަމްރީންވެގެންދާނެ ކަމަށާއި، އަންހެން ކަނބަލުންނާއި ޒުވާނުން ދަނޑުވެރިކަމުގެ ސިނާޢަތުގެ ތެރެއަށް ވަނުމަށް މަގުފަހިވެގެންދާނެ ކަމުގައި އެ ކޯޕަރޭޓިވުން ފާހަގަކުރެއްވިއެވެ.

އަދި މި މަޝްރޫޢުގެ މައިގަނޑު އެއް މަޤްޞަދަކީ މުޖުތަމަޢުގައި 'ގްރީންހައުސް ފާމިންގ' ތަޢާރަފް ކުރުން ކަމުގައިވެސް އޭ.ޕީ.ސީން ހާމަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އޭ.ޕީ.ސީން ވަނީ މި މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ދަނޑުބިންތައް ތައްޔާރުކުރުމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދިލައްވައިފައެވެ.

އައްޑޫ ކޮމިއުނިޓީ ފާމިންގ ޕްރޮޖެކްޓަކީ އެކުވެރި ދައުލަތްތަކުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ (ޔޫއެން އެސްޑީޖީގެ) ތެރެއިން ދެ ލަނޑުދަނޑިއެއް ޙާޞިލްކުރުމުގެ ގޮތުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ އެހީގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫޢެކެވެ. މިގޮތުން މި މަޝްރޫޢަށް ޖެފް އިން 697،284.00 ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހަމަޖެހިފައިވާއިރު، އޭ.ޕީ.ސީން 1،201،686.00 ދިވެހި ރުފިޔާ އަދި އެމް.އެން.ޔޫ އިން 1،446.000.00 ދިވެހި ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢަށް އައްޑޫ ސިޓީ ކައުންސިލުން 100،000.00 ދިވެހި ރުފިޔާ އަދި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން 244،000.00 ދިވެހި ރުފިޔާ ޚަރަދުކުރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި މަޝްރޫޢު އަކީ އޭ.ޕީ.ސީ އާއި އެމް.އެން.ޔޫ އަދި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.