އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫގައި ނާރސް ޝާކް ސެންކްޗުއަރީއެއް ޤާއިމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމާއިފި

17 ނޮވެމްބަރ 2022     1 year ago


އައްޑޫގައި ނާރސް ޝާކް ސެންކްޗުއަރީއެއް ޤާއިމްކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމާއިފި

އައްޑޫގައި "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ" ގެ ނަމުގައި ސަރަހައްދެއް ކަނޑައަޅާއި އެސަރަހައްދު ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމާފައިއެވެ.

ކައުންސިލުން މިކަން ނިންމާފައިވަނީ މިއަދު ބޭއްވުނު އައްޑޫސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ރަސްމީ ޖަލްސާގައެވެ. މިމައްސަލަ ކައުންސިލަށް ހުޝަހަޅާފައިވަނީ މީދޫ ދާއިރާގެ ކައުންސިލް މެންބަރ އާމިނަތު ސާލިހާއެވެ. ކައުންސިލާ ސާލިހާ މިމައްސަލަ ހުށަހަޅަމުން ވިދާޅުވީ ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކެވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން، ހުޝަހެޅުއްވި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި މިނޫންވެސް ކަނޑުގެ އެކި ދިރުންތައް ފެނުމާއި ގުޅިގެން، ޑައިވަރުންގެ ތެރެއިން އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ މަސައްކަތް ކުރުމަށް އުފެދުނު ޓީމަކުން ފާއިތުވި 4 އަހަރުތެރޭ އެސަރަހައްދަށް ދަތުރުކޮށް، އެސަރަހައްދު ރިސާޗްކޮށް ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެސަރަހައްދުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާކަމަށެވެ.

އެހެންކަމުން އެބޭފުޅުންގެ ބެލުންތަކަށް އަލީގައި މިސަރަހައްދު ވަށައިގެ 150 އާއި 200 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމަވާދެއްވުމަށް އެދެނީ މިސަރަހައްދަކީ އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ޕްރޮމޯޓްކޮށް ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދަކަށް ވުމުގެ އިތުރުން، މިސަރަހައްދަކީ މީދޫއިން ފުރާއިގެން ލޯންޗްގައި 7 މިނެޓުން ދެވޭ އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދަކަށް ވެފައި އެސަރަހައްދަކީ މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށްވެސް އެކިފަރާތްތަކުން ބޭނުންކުރުން އެކަށީގެންވާ ސަރަހައްދަކަށް ވުމުންކަންވެސް ސާލިހާ ފާހަގަކުރެއްވިއެވެ.

މިހުށަހެޅުމަށް ތާއިދު ކުރައްވާ ވާހަކަދައްކަވަމުން ކައުންސިލާ ޙުސައިން ޒަރީރް ވަނީ ހިމާޔަތް ކުރުމަށް އެދިފައިވާ ސަރަހައްދަކީ އެދެވޭވަރަށްވުރެ ބޮޑު ސަރަހައްދެއްކަން ފާހަގަކޮށް، އޭގެ ބަދަލުގައި އައްޑޫ ނާސް ޝާކް ސެންކްޗުއަރީއަށް ކަނޑައަޅާ ސަރަހައްދު ވަށައިގެ 100 މީޓަރު ރޭޑިއަސްގެ ސަރަހައްދެއްގެ ހިމާޔަތްކުރަން އިސްލާހަކާއި އެކު މައްސަލަ ހުށަހަޅާފައެވެ. މިމައްސަލައަށް ތާއިދުކުރެއްވީ އައްޑޫސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއުއެވެ.

މިމައްސަލައަށް މޭޔަރ ޢަލީ ނިޒާރު ވޯޓަށް އެއްސެވެމުން މައްސަލަ ފާސްކުރުމަށް ނިމިގެންދިޔައީ ޖަލްސާގައި ބައިވެރިވެވަޑާއިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.