އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ކުޑަކުދިންގެ ހަވީރު: އާއިލާތަކަށް އުފާވެރި މާހައުލެއް

7 މޭއި 2026     6 days ago


އައްޑޫ ސިޓީ ކައުންސިލުން ބާއްވާ ކުޑަކުދިންގެ ހަވީރު: އާއިލާތަކަށް އުފާވެރި މާހައުލެއް

އައްޑޫ ސިޓީގެ ކުޑަކުދިންނަށް އެކުދިންގެ އާއިލާތަކާއެކު އުފާވެރި އަދި މާނަހުރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި، އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވަމުން އަންނަ ކުޑަކުދިންގެ ހަވީރު ކުލަގަދަ ހަރަކާތްތަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތައް މިއަހަރު ހާއްސަކޮށްފައިވަނީ ޔުނިސެފްގެ "ކުދިންނާ ގާތުން" ޕްރޮގްރާމްގެ ފްލެގްޝިޕްތަކާއި ޔުނިސެފް މޯލްޑިވްސްގެ މައިގަނޑު އަށް ޕްރޮގްރާމާ ގުޅުވައިގެންނެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު އަމާޒަކީ ކުޑަކުދިންނަށް ފަހި ރާއްޖެއަކާއި، ރާއްޖެއަށް ބޭނުންތެރި ކުދިންތަކެއް ބިނާކުރުމެވެ.

ކުޑަކުދިންނަށް ފަހި ރާއްޖެއަކީ، އެކުދިން ދިރިއުޅޭ މާހައުލަކަށް ނުވަތަ އާއިލާގެ އާމްދަނީގެ ފެންވަރަށް ބެލުމެއްނެތި، ހުރިހާ ކުދިންގެ ދިރިހުރުމާއި، ހެދިބޮޑުވުމާއި އަދި ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ. އަދި ކުދިންނަކީ، އެކުދިންގެ ޖިސްމާނީ، ފިކުރީ، އިޖުތިމާއީ އަދި ނަފްސާނީ ތަރައްގީގެ މަރުހަލާތައް ފުރިހަމަކޮށް، އުންމީދާއި އަބުރުވެރިކަމާއެކު ދިރިއުޅޭ ކުދިންނަށް ހެދުމެވެ. މީގެ އިތުރުން، އެއީ މުޖުތަމައުގައި ހަރަކާތްތެރިވެ، ގައުމުގެ ތަރައްގީއާއި ދެމެހެއްޓެނިވި ކުރިއެރުމުގައި މާނަހުރި ހިއްސާއެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިފައިވާ ކުދިންނަށް ވެސް ހެދުމެވެ.

މި ފަހަރުގެ ކުޑަކުދިންގެ ހަވީރުގައި ޖުމްލަ 15 ސްޓޯލެއް ބަހައްޓާފައިވާއިރު، މި ސްޓޯލްތަކުގެ ހަރަކާތްތައް ބައްޓަންކޮށްފައިވަނީ ޔުނިސެފްގެ ފްލެގްޝިޕްތަކާ ގުޅުވައިގެންނެވެ. މީގެ އިތުރުން ސްޓޭޖްގެ 21 ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ދައުލަތުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ސްކޫލްތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ. އެކަމަށްޓަކައި ކައުންސިލްގެ ފަރާތުން ހުރިހާ ފަރާތްތަކަށް ހައްޤު ޝުކުރު ވަނީ އަދާކޮށްފައެވެ.

މި ހަވީރުގައި ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް، އެމް.އެން.ޑީ.އެފް، ޔަންގް ލީޑާރސް، ކަސްޓަމްސް، ބޭންކް އޮފް މޯލްޑިވްސް، ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު، ޕޮލިސް، އެޗް.އާރް.ސީ.އެމް، ރެޑް ކްރެސެންޓް، ޝާއިރުންގެ ވާދީ، ދިރާގު، އެމް.އެން.ސީ.ސީގެ އިތުރުން ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ނޫރާނީ ސްކޫލް އަދި ޑްރީމްޓައިމް އައްޑޫ ހިމެނެއެވެ.

މި ހަވީރަކީ އައްޑޫގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިންގެ ތަރުހީބު ލިބޭނެ، އުފާވެރި މާހައުލެއްގައި ކުރިއަށްދާނެ ހަރަކާތެކެވެ.