އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

27 އެޕްރީލް 2021     2 years ago


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، އައްޑޫ ސިޓީގައި ފުޓުބޯޅަ ޓްރެއިނިންގ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެފް.އޭ.އެމް އިން ވަނީ ހާމަކުރައްވައިފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ ޓާފު ދަނޑު (މައިލޯ ދަނޑު) ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، ހަމަ އެ ދުވަހު ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ފުޓުބޯޅަ ޙަރަކާތެއް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުވެސް އެ ދަނޑުގައި ބާއްވަން ރާވަފައިވާ ކަމުގައި އެފް.އޭ.އެމް އިން ހާމަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެފް.އޭ.އެމް އިން ވަނީ އައްޑޫ ސިޓީގައި އެ އެސޯސިއޭޝަންގެ ފަރާތުން ހިންގަވާ ކަންކަމުގައި އައްޑޫ ސިޓީ ކައުންސިލުން އަބަދުވެސް އެއްބާރުލެއްވުން ދެއްވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، އައްޑޫގައި ބާއްވާ ކުޅިވަރު ޙަރަކާތްތަކަށް އެފް.އޭ.އެމް އިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. މިގޮތުން މި އަހަރު ނިމިގެންދިޔަ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެފް.އޭ.އެމް އިން ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި، މޭޔަރ ވަނީ އެ އެސޯސިއޭޝަނަށް ޝުކުރު ދަންނަވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި އެފް.އޭ.އެމްގެ ފަރާތުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ޙުސައިން ޖަވާޒު އަދި ޓެކްނިކަލް ޑިރެކްޓަރ، އަޙުމަދު ޝަރީފް ބައިވެރިވެލެއްވިއެވެ.