އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ މަގުތަކުގައި ތާރައެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

22 ނޮވެމްބަރ 2022     1 year ago


އައްޑޫސިޓީގެ މަގުތަކުގައި ތާރައެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫސިޓީގެ މަގުތަކުގައި ތާރައެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިގޮތުން އިއްޔެ އެންމެ ފުރަތަމަ އައްޑޫގައި ތާރައެޅުމަށް ފަށައިފައިވަނީ ފޭދޫގައެވެ. މިއީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް އައްޑޫ ރޯޑް ޑިވްލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މިނިސްޓްރީ އޮފް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އިންޑިއާގެ އެފްކޮންސް އަދި ޖީ.ކޭ.ޑީ ކުންފުންޏާއި ހަވާލުކުރެވިގެން ހިންގޭ ސަރުކާރުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުއެކެވެ.

މިމަޝްރޫޢު އާއި ގުޅޭގޮތުން ވާކަދައްކަވަމުން އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅިވީ މިއީ ރާއްޖޭގެ ތާރީހުގައިވެސް އަތޮޅެއްގެ ތެރޭގައި ސަރުކާރަކުން ހިންގާ އެންމެ ބިއަ ބޮޑު ޕްރޮޖެކްޓް ކަމަށެވެ. އަދި މިއަދަކީ މިމަޝްރޫޢުގެ އެންމެ މުހިއްމު މަސައްކަތް ފެށިގެންދާ އުފާވެރި ދުވަހެއްކަމާއި، މިމަޝްރޫޢުގެ ސަބަބުން އައްޑޫސިޓީގެ ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ހެދިފައިވާ މަގުތަކެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި، ފެންބޮޑުވުން ފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

މިމަޝްރޫޢު އާއި ގުޅޭގޮތުން ވާކަދައްކަވަމުން އައްޑޫސިޓީ ފޭދޫ ދާއިރާގެ މެންބަރ މުޙައްމަދު ނިހާދު ފަހަގަ ކުރެއްވި ގޮތުގައި އައްޑޫގެ މަގުހެދުމުގެ މިޕްރޮޖެކްޓަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމާއި، މިޕްރޮޖެކްޓް ނިމިގެންދާއިރު އައްޑޫސިޓީގެ ހުރިހާ އަވަށެއްގެ މަގުތައްވެސް ޒަމާނީ ފެންވަރަކަށް ހެދިގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ. އަދި މީގެއިތުރުން ފާއިތުވި އެއްވެސް ސަރުކާރެއްގައި އައްޑޫއަށް އަދި ޚާއްސަކޮށް ފޭދޫއަށް ކޮށްދީފައިނުވާ އެތައްކަމެއް މިސަރުކާރުން އައްޑޫއަށް ކޮށްދެއްވާފައިކަން ފާހަގަކުރައްވާ އަދުގެ ސަރުކާރާށް މެންބަރ ނިހާދު ޝުކުރު އަދާކުރައްވާފައިވެއެވެ.