މިފަހަރުގެ މިނިވަން ޗެމްޕިއަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑް އައްޑޫގައި ބޭއްވުމަށް އެދި ކައުންސިލުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ސިޓީއެއް ފޮނުވައިފިއެވެ.
ކައުންސިލް އިދާރާގައި ފޭދޫ ފުޓްބޯޅަ ޓީމްގެ މެނޭޖްމެންޓްގެ ބޭފުޅުންނާއެކު މިދިޔަ ހޯމަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި އެބޭފުޅުންގެ ފަރާތުން ހުށަހެޅުނު ކަންބޮޑުވުންތަކަކަށްފަހު ކައުންސިލުން ވަނީ އެފް.އޭމް.އަށް ސިޓީއެއް ފޮނުވަން ނިންމާފައެވެ. މިގޮތުން އައްޑޫސިޓީގެ ރައްޔިތުން މި މުބާރާތް އައްޑޫގައި ބޭއްވުމަށް ޝައުޤުވެރިވާ މިންވަރު ހާމަކޮށް ސިޓީ ވަނީ ފޮނުވާފައެވެ.
އައްޑޫގައި މި މުބާރާތް ބޭއްވުމަށް އެދުމުގެ ސަބަބުތަކުގެ ތެރޭގައި އަޢްޑޫގައި މި މުބާރާތް ބޭއްވުމަށް ބޭނުންވާ ވަސީލްތައް ގާއިމް ކުރެވިފައިވާކަމާއި ޤައުމީ ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައް އައްޑޫގައި ކުރިން ބޭއްވިފައިވާ ކަމުން މިނިވަން ޗެމްޕިއަންޝިޕް މުބާރާތް ބޭއްވުމުގައި ދަތިތަކެއް ނުވާނެކަން ހިމަނާލެވެއެވެ. މީގެ އިތުރުން ފާއިތުވި އަހަރުގެ ޗެމްޕިއަނުންނަކީ އައްޑޫ ފޭދޫ ފުޓްބޯޅަ ޓީމް ކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިމަހުގެ 20 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާއިރު ފޭދޫ ފުޓްބޯޅަ ޓީމް ވަނީ ދެ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.