އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ޑައިވުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

18 ޖެނުއަރީ 2021     3 years ago


އައްޑޫ ޑައިވުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

އައްޑޫ ޑައިވުން މިއަދު އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުވުމުގައި އައްޑޫ ޑައިވުން ވަނީ ސައުތު ޕާމް ރިސޯޓު މޯލްޑިވްސްގެ އިތުރުން އައްޑޫ ސިޓީގެ ގެސްޓްހައުސްތަކަށްވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ޑައިވްކުރުމަށް އަންނަ ފަތުރުވެރިން ކަމުގައި ފާހަގަކުރައްވައިފައެވެ. ނަމަވެސް، ފީނުމަށް އަންނަ ފަތުރުވެރިންގެ އިތުރުންވެސް އައްޑޫގެ ރީތިކަން ބަލާލުމަށް އަންނަ ފަތުރުވެރިންވެސް ގިނަ ކަމަށާއި، އެފަދަ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ހެދުމަކީ މުހިންމު ކަމެއް ކަމުގައި އައްޑޫ ޑައިވްގެ ފަރާތުން ފާހަގަކުރެއްވިއެވެ.

އެގޮތުން އައްޑޫ ސިޓީގައި ޓޫރިސްޓް ބީޗެއް ހެދުމަށް އެންމެ އެކަށީގެންވާ ސަރަޙައްދަކީ ކޮބައި ކަމާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ބީޗް ތަރައްޤީ ކުރާއިރު، ބީޗާ ކައިރިން ބޭސިކް ޑައިވިންގ އާއި މޫދު ކުޅިވަރުތައް ދަސްކޮށްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި އައްޑޫ ސިޓީގައި ފަރުތައް ރަޖިސްޓްރީކޮށް، މުރަކަތައް ދިރުވާ އާލާކުރެވޭނެފަދަ މެރިން ރިސާޗު އިންސްޓިޓިއުޓެއް ޤާއިމުކުރުމާއި، މަންތާ ޓްރަސްޓެއް ޤާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އައްޑޫގައި ފުރަތަމަ އެހީ ދިނުމަށް ޚާއްޞަ އިމަރޖެންސީ ރެސްޕޮންޑާސް ތަމްރީނު ކުރުމާއި، މިފަދަ ޕްރޮގްރާމްތައް ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިއުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ، އައްޑޫ ޑައިވްގެ ފަރާތުން ހުށަހެޅުއްވި ކަންތައްތަކަކީ އައްޑޫ ސިޓީ އަށް ވަރަށް ބޭނުންތެރި، މުހިންމު ކަންތައްތަކެއް ކަމަށާއި، އެކަންތައްތަކުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގައެވެ.