އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ފަޤީރުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

18 ފެބުރުއަރީ 2021     3 years ago


އައްޑޫ ސިޓީގައި ފަޤީރުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގައި ފަޤީރުންގެ ދަފުތަރު އެކުލަވާލުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމުގައި، އައްޑޫގެ ފަޤީރުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ ސޯޝަލް ސަރވިސް ސެކްޝަނުންނާއި، ހުރިހާ އަވަށު އޮފީސްތަކުން ކުރައްވަމުންގެންދަވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ. އަދި ފަޤީރުންގެ ދަފުތަރު އެކުލަވާލެއްވުމުގައި ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، ލިސްޓުގައި ނަން ނުހިމެނޭ ފަރާތްތަކުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. ނަމަވެސް އުޞޫލުގެ ތެރެއިން ކަންތައްތައް އޮންނަ ގޮތް ކިޔައިދެއްވުމުން ރައްޔިތުން އެކަންކަން ޤަބޫލުކުރައްވާކަންވެސް މޭޔަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މޮނިޓަރިންގެ ޙާލަތުގައޮ އޮތްނަމަވެސް، 21 ފެބުރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ މަސައްކަތް ފަށާނެ ކަމަށާއި، ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގައި މި މަސައްކަތް ނިންމަވައި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅުއްވާނެކަމުގެ ޔަޤީންކަންވެސް މޭޔަރ ވަނީ ދެއްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވަނީ އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޙާލަތު މިހާރު އޮތް ގޮތްވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބޭފުޅުންނާ ޙިއްޞާކުރައްވައިފައެވެ.

މީގެ އިތުރުން، މިނިސްޓްރީގެ މިސްކިތު ފަންޑުން ރަމަޟާން މަހާ ދިމާކޮށް އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި މޭޔަރ އާއި އައްޑޫ ސިޓީގެ ކައުންސިލަރުންނާއި، އިސްލާމިކް މިނިސްޓަރ، ޑރ. އަޙުމަދު ޒާހިރު ޢަލީ އާއި ސްޓޭޓް މިނިސްޓަރ، ޝެއިޚް އިލްޔާސް ޖަމާލްގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބައެއް އޮފިޝަލުން ބައިވެރިވެލެއްވިއެވެ.