އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޤާއިމުކުރުމަށް ބިން ދޫކުރުމަށް ނިންމައިފި

31 މާރޗް 2021     3 years ago


އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޤާއިމުކުރުމަށް ބިން ދޫކުރުމަށް ނިންމައިފި

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ އެކަށީގެންވާ ބޮޑު މިސްކިތެއް ޢިމާރާތްކުރުމަށް ޝަޢުޤުވެރިކަން ފާޅުކުރައްވާފައިވާ ހުޅުދޫގެ އަމިއްލަ ފަރާތެއް ކަމަށްވާ ހުޅުދޫ، ޕާމްގްރޯވ، ޑރ. ޢަލީ މުޒްނީ އަށް އެކަމަށްޓަކައި ބިމެއް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވެވި އައްޑޫ ސިޓީ ކައުންސިލްގެ ތިންވަނަ ދައުރުގެ 166 ވަނަ ރަސްމީ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހުޅުދޫ ދާއިރާގެ ކައުންސިލަރ، އިބްރާހިމް ޝުކުރީ ވިދާޅުވީ ހުޅުދޫގައި މިފަދަ މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތުން ހުށަހެޅުއްވި ކަމީ ހުޅުދޫގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައެވެ. އަދި ހުޅުދޫގައި ޢިމާރާތް ކުރުމަށް ހުށަހަޅާފައިވާ މިސްކިތަކީ ދެ ފަންގިފިލާގެ މިސްކިތެއް ކަމަށާއި، މިސްކިތުގައި ކުލާސްރޫމުތަކާއި ލައިބްރަރީއެއްގެ އިތުރުން އަންހެން ބޭކަނބަލުން ނަމާދުކުރުމަށް ޚާއްޞަ ސަރަޙައްދެއް ހިމެނޭނެ މިސްކިތެއް ކަމުގައިވެސް ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވިއެވެ.

އަދި ކައުންސިލަރ އިބްރާހިމް ޝުކުރީ ވަނީ މިފަދަ ކަމެއް ހުށަހެޅުއްވި ކަމަށްޓަކައި ހުޅުދޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި ޑރ. ޢަލީ މުޒްނީ އަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލަކީ އަބަދުވެސް ދީނީ ކަންކަމަށް ވަރަށް ބޮޑަށް އަހައްމިޔަތުކަން ދެއްވާ ކައުންސިލެއްކަން ފާހަގަކުރައްވައި ކައުންސިލަރ ޝުކުރީ ވަނީ މި މަސައްކަތަށް ކައުންސިލްގެ އެންމެހައި މެންބަރުންވެސް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އެދިވަޑައިގެންފައެވެ. ކައުންސިލަރ އިބްރާހިމް ޝުކުރީގެ މި ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ މަރަދޫ ދާއިރާގެ ކައުންސިލަރ، ފައިސަލް އިބްރާހިމް އަދި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ، ޖަމްޝީދާ މުޙައްމަދެވެ.

އައްޑޫ ސިޓީ ހުޅުދޫގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ޤާއިމުކުރުމަށް ދޫކުރުމަށް ނިންމަވާފައިވަނީ ހުޅުދޫ މާފިށި ސަރަޙައްދުގައި މިސްކިތެއް ޢިމާރާތް ކުރުމަށް ކަނޑައަޅާފައިވާ 10،000 އަކަފޫޓުގެ ބިމެވެ.