އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންނަށް "އެޑްވާންސްޑް ކޮމްޕިއުޓަރ ސްކިލްސް" ގެ ނަމުގައި 3 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފެށިގެން ކުރިޔަށް އެބަދެއެވެ. ޖީ.އެސް 2 ން އެމް.އެސް 4 ރޭންކުގެ މުވައްޒަފުންގެ ތެރެއިން 20 މުވައްޒަފަކު ބައިވެރިކޮށްގެން ހިންގާ މި ތަމްރީން ޕްރޮގްރާމް ނަންގަވައި ދެއްވަނީ ކައުންސިލް އިދާރާގެ މީޑިއާ އެންޑް އައިޓީ ޔުނިޓްގައި މަސައްކަތް ކުރައްވާ 3 މުވައްޒަފެކެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުގައި ކުރިޔަށްދާ މިތަމްރީން ޕްރޮގްރާމުގައި މުވައްޒަފުންނަށް ކޮރެލް ޑްރޯ، މައިކްރޮސޮފްޓް ވޯޑް އަދި މައިކްރޮސޮފްޓް ޕަވާޕޮންޓް ސޮފްޓްވެއަރތައް ބޭނުންކުރުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.
މިތަމްރީން ޕްރޮގްރާމްގެ އިތުރުން ސިވިލް ސާރވިސް ޓްރެއިނިންގް އިންސްޓިޓުއުޓް(ސީ.އެސް.ޓީ.އައި) އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން "ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމެންޓް" ގެ ނަމުގައި 1 އަހަރު ދުވަހުގެ ޑިޕްލޮމާ ކޯހަކާއި "ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން" ގެ ނަމުގައި 6 މަސް ދުވަހުގެ ކޯހެއް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކޯސްތަކުގެ މާއްދާތައް ނަންގަވައި ދެއްވާނެ ލެކްޗަރަރ އިން ހޯދުމަށް މިހާރު ވަނީ އިޢުލާން ކުރެވިފައެވެ.
ސީ.އެސް.ޓީ.އައި އާއި ކައުންސިލް ގުޅިގެން ހިންގާ މި ކޯސްތަކަކީ މިދެފަރާތުގެ ދެމެދުގައި މިއަހަރު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކައުންސިލްގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ތަޢުލީމާއި ތަމްރީން ހޯދައިދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކެކެވެ.