ދައުލަތުގެ 2018 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމެނިގެން އައްޑޫސިޓީ ކައުންސިލަށް ދައުލަތުގެ ކުރިޔަށް އޮތް އަހަރުގެ ލަފާކުރާ ބަޖެޓުން ލިބޭ ފައިސާ ހޯދުމަށް ތައްޔާރު ކުރެވިފައިވާ އައްޑޫސިޓީ ކައުންސިލްގެ އިދާރީ ބަޖެޓް ފާސްކޮށްފިއެވެ. މިބަޖެޓް ފާސްކޮށްފައިވަނީ މިއަދު ބޭއްވުނު ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައެވެ.
އަންނަ އަހަރަށް ލަފާކުރާ މިބަޖެޓް ތައްޔާރު ކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ފޮނުއްވާފައިވާ ސަރކިއުލަރގައިވާ ގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލަށް ކަނޑައަޅާފައިވާ 18.1 މިލިއަން ރުފިޔާގެ ބަޖެޓް ސީލިންގއަށް ވުރެ އިތުރު ނުވާގޮތަށެވެ.
މިއަދުގެ ބަޖެޓް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްވެގެން ދިޔަނަމަވެސް، ހުރިހާ ކައުންސިލަރުންވެސްވަނީ ބަޖެޓް ކަނޑައެޅުމަށް ދީފައިވާ ބަޖެޓް ސީލިން ކުޑަކަން ފާހަގަކޮށް ފާޑުވިދާޅުވެފައެވެ. މިގޮތުން 18.1 މިލިއަން ރުފިޔާއަށް ބަޖެޓް ފަށްތަން މަޖުބޫރު ކުރުވާފައިވާއިރު، މުވައްޒަފުންގެ މުސާރައަށް އެކަނިވެސް 12 މިލިއަނަށްވުރެ އިތުރަށް ޚަރަދު ހިނގައެވެ. އެހެންކަމުން ބަޖެޓްގައި ބާކީވާ މިންވަރުން އިތުރަށް ހިނގާ ރިކަރަންޓް ޚަރަދުތައް ކަނޑާލުމުން ކިރިޔާ ބަޖެޓް ސީލިންގ ފެތޭގޮތަށް ބަޖެޓް ފިއްތާފައިވަނީ އިންސާފުން ނޫންކަމަށް ކައުންސިލަރުން ފާހަގަކުރައްވާފައިވެއެވެ.
މިއަދު ފާސްކުރެވުނު ބަޖެޓްގައިވާ މިންވަރުން ކައުންސިލަށް ހިނގާ ޚަރަދަށް ފަހު ބާކީވާ މިންވަރުން 2018 ވަނައަހަރަށް އައްޑޫގައި ދިރިއުޅެމުންދާ 30000 ރައްޔިތުންގެ އަބާދީގެ ލާބަޔާއި މަންފާއަށްޓަކައި އެއްވެސް ޚަރަދެއް ހިންގާނެ ފައިސާ ނުހުންނާނެކަން ފާހަގަކޮށް ޑެޕިއުޓީ މޭޔަރ ވަނީ ވާހަކަފުޅެދައްކަވާއެވެ. ޑެޕިއުޓީ މޭޔަރގެ ވާހަކަފުޅުގައި މިފަދަ ގޮތަކަށް ބެޖެޓް ފާސްކުރަންޖެހޭތީ މާޔޫސްވެވަޑައިގަންނަވާ ކަމަށްވަނީ ވިދާޅުވެފައެވެ.
ކައުންސިލުން 2018 ވަނަ އަހަރަށް ލަފާކުރާ އިދާރީ ބަޖެޓް 24 އޮގަސްޓުގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުއްވަންޖެހެއެވެ.